ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ސަރުކާރުން އުންމީދުކުރި ފަދަ ނަތީޖާއެއް ނުނެރެވުނު ގިނަގުނަ ސަބަބުތަކެއް އެބަހުއްޓެވެ. ރައްޔިތުން ގަބޫލުކުރާ ކިތަންމެ ކަމެއްގައި ސަރުކާރުން ވަނީ ރަތްރޮނގު ފަހަނައަޅައި ގޮސްފައެވެ. ޑިމޮކްރަސީއެއްގައި ސަރުކާރެއްގެ މަގުބޫލުކަން ދެ އަހަރާ ހިސާބުން ކުޑަވާން ފަށާނެއެވެ. މި ހިސާބުން މަގުބޫލުކަން ހިފެހެއްޓޭނީ ވަރަށް ގިނަ ކަންކަން ރަނގަޅު އުސޫލުތަކެއްގެ ތެރެއިން ބަހައްޓައިގެންނެވެ. ނަމަވެސް، ޕީއެންސީގެ ސަރުކާރުން ރައްޔިތުންގެ އިތުބާރު ހޯދޭނެ މަގަށްް މަސައްކަތް ކުރެވިފައެއް ނެތެވެ.

ސަރުކާރު ތެރޭގައި އޮތީ ކޮރަޕްޝަނެވެ. ދައުލަތުގެ ކުންފުނިތަކުގެ އެންމެ މައިގަނޑު މަގްސަދަކީ ޕާޓީއަށް ފައިސާ ހޯދޭނެ މަގުތައް ފަހިކޮށްދިނުމެވެ. މިގޮތަށް ހިނގާފައިވާ ނޭދެވޭ އަމަލުތައް މިއަދު ވަނީ އާންމު ރައްޔިތުންނާ ހަމައަށް ތިލަވެ، ފަޅާއަރާފައެވެ. ބައެއް ކުންފުނިތަކުގެ ވެރިން މިފަދަ ކަންކަމަށް އެއްބަސްނުވުމުން ވަނީ މަގާމުތަކުން ދުރުކޮށްފައެވެ.

އިންސާފު ގާއިމުކޮށްދިނުމަށް ސަރުކާރުން ކުރާ އެދެވޭ މަސައްކަތެއް ނުފެނެއެވެ. ވަޒީފާތައް ބަހަނީ އިންސާފުވެރިކަމާއެކުގައެއް ނޫނެވެ. ސަރުކާރު ކުންފުނިތަކުގެ ވަޒީފާތައް އަވަސްއަރުވާލައިގެން ދެނީ ބޭނުންވާ ވަކި ބަޔަކަށެވެ. ވަޒީފާގެ ކުރިއެރުމާއި ފުރުސަތުތައް ލިބެނީ ޕާޓީގެ ނުފޫޒުންނެވެ. ބިމާއި، ގޯއްޗާއި، ފްލެޓްގެ އިތުރުން ފްލެޓްތަކުގެ ކުލި ހަމަޖެއްސުމުގައި ވެސް އިންސާފެއް ނެތެވެ. މާލޭގެ ރައްޔިތުން މިކަމުގައި ވަނީ ވަރަށް ބޮޑަށް ހާލުގައި ޖައްސައި، ފަލީހަތްކޮށްފައެވެ. ބޭސްފަރުވާގެ ކަންކަން ވެސް ހިނގަނީ ހަމަހަމަ އުސޫލަކުންނެއް ނޫނެވެ. ބޭސް ލިބުމުގެ ދަތިކަމާއި، ކުރިން ލިބެމުންދިޔަ ހިދުމަތްތައް މެދުކެނޑުމުގެ ޝަކުވާ ވަނީ އިންތިހާއަށް އިތުރުވެފައެވެ. "މެޑިކަލް މާފިއާ" ވަނީ އައު ހަރުފަތަކަށް ގޮސްފައެވެ. ސަރުކާރުގެ އަމިއްލަ ބޭސް ކުންފުންޏަކާއި އައިނު ކުންފުންޏެއް އުފައްދައި، އާންމު ވިޔަފާރިތަކާ އެއްހަމައެއްގައި ވާދަކުރުމުގެ ވިސްނުންތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ސަރުކާރުގެ އިދާރީ ހިންގުން ވަނީ ބޮއްސުންލާފައެވެ. ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނަށް އަމިއްލަ އިސްނެގުމުގައި ކަންކަން ކުރުމުގެ މިނިވަންކަމެއް ނެތެވެ. އެހެންކަމުން، ސަރުކާރުގެ ތެރެއިން އައު އީޖާދީ ކަންކަން އުފެދޭ ތަނެއް ނުފެނެއެވެ. ސަރުކާރުން ލާމަރުކަޒީ ނިޒާމާ މެދު ގެންގުޅޭ ސިޔާސަތަކީ ދިވެހިން މިހާރު ބަލައިގަންނަ ސިޔާސަތެއް ނޫނެވެ.

ގައުމުގައި ޑިމޮކްރަސީ ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތެއް ކޮށްފައެއް ނުވެއެވެ. ސަރުކާރުގެ ސިޔާސަތުތައް ހުރީ ރާއްޖޭގައި "އޮޓޮކްރަސީ" އެއް ނުވަތަ ހުދުމުޚުތާރު ވެރިކަމެއްގެ ސިފަތަކާއި އެއްގޮތަކަށެވެ. މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ވަނީ ނަގާލާފައެވެ. މީޑިއާތައް ވަނީ އެކި ގޮތްގޮތުން ކޮންޓްރޯލްކޮށްފައެވެ. ހުރިހާ ބާވަތެއްގެ ވިޔަފާރިއެއްގެ ތެރެއަށް ވަނުމަށް ސަރުކާރު އޮތީ ފޫގަޅާފައެވެ. އެންމެ ގިނަ މީހުންނަށް ވަޒީފާދޭ ފަރާތަކަށް ސަރުކާރު ވެއްޖެއެވެ. މިފަދަ ސިޔާސަތުތަކެއް ގެންގުޅެގެން ކުރިއަރާފައިވާ އެއްވެސް ގައުމެއް ނެތްކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ ހައްގުތައް އޮތީ ހަނިކޮށްފައެވެ. މީސްމީޑިއާގައި ޕީއެންއެފްގެ ބައްދަލުވުމެއްގައި މީހުން މަދުވުމާއި، އެމްޑީޕީގެ ކެމްޕޭން ނިންމާލުމުގެ ރެލީގައި މީހުން މަދުވެގެން ސަރުކާރަށް ނިސްބަތްވާ ނުފޫޒުގަދަ މަޖުލިސް މެންބަރަކު ހަޖޫޖަހާފައި އޮތްތަން ފެނުނެވެ. ނަމަވެސް ކަން ހިނގަނީ އެހެންނެއް ނޫނެވެ. ސިޔާސީ ކަންކަމުގައި އާންމު ރައްޔިތުން ބައިވެރިވާން ބޭނުންނުވަނީއެއް ނޫނެވެ. އެހެންނަމަވެސް، އެކި ފިއްތުންތަކާ ހުރެ ބައިވެރިވާން ޖެހިލުންވަނީއެވެ. ވޯޓުގެ ނަތީޖާއިން ސަރުކާރާ ދެކޮޅަށް ފެނިގެން މިދަނީ، ސިޔާސީ ކަންކަމުގައި ބަސްބުނުމަށް ރައްޔިތުން ބޭނުންވާ މިންވަރެވެ.

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި ވެފައިވާ ވައުދުތައް އޮތީ އަމަލީ މަސައްކަތް ފެށޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އެހެންކަމުން، އާންމު ރައްޔިތުން ސަރުކާރަށް ކުރަމުން އައި އިތުބާރު މިއަދު ވަނީ ގެއްލިފައެވެ. ގިނަ ރައްޔިތުންގެ މިއަދު ސަރުކާރަށް އެއްވެސް އިތުބާރެއް ނެތެވެ.

މި ދެންނެވި ކަންކަމަކީ އިދިކޮޅު ފަރާތްތަކުން ކުރި ކެމްޕޭނަކުން އުފެއްދި ނުތަނަވަސްކަމެއް ނޫނެވެ. ސަރުކާރުގެ އަގު މިހާ ބޮޑަށް ވެއްޓިގެން ދިޔައީ، ސީދާ ސަރުކާރުން ގެންގުޅުނު ނުރަނގަޅު ސިޔާސަތުތަކުގެ ސަބަބުންނެވެ.

ހުރި ގޮންޖެހުންތައް

އަޅުގަނޑުމެންގެ މާޒީއަށް ނަޒަރު ހިންގާލާއިރު، ކައުންސިލް އިންތިޚާބުތަކުން ނާކާމިޔާބުވުމަކީ ރިޔާސީ އިންތިޚާބު ގެއްލުމުގެ ނިޝާނެކެވެ. އާންމުކޮށް ކައުންސިލް އިންތިޚާބު ގެއްލިފައިވަނީ ވެރިކަން ކުރާ ޕާޓީގެ އެތެރޭގައި އުފެދޭ ނުތަނަވަސްކަމުގެ ތެރެއިންނެވެ.

މި ފަހަރުގެ ކައުންސިލް އިންތިޚާބަށް ވެސް ވެފައިވަނީވެސް މިހެންނެވެ. މާލޭގެ ވޯޓަށް ބަލާއިރު، ސަރުކާރުގެ މޭޔަރު ކެންޑިޑޭޓަށް ކާމިޔާބު ހޯދުމަށް ބޭނުންވީ ޕީއެންއެފުން ގެންދިޔަ ވޯޓުކޮޅެވެ. އެ ވޯޓު ލިބުނު ނަމަ، ކައުންސިލް ގޮނޑިތަކުގެ ނަތީޖާ ތަފާތުވާނެކަންވެސް ކަށަވަރެވެ.

ގައުމުގެ އިގްތިސާދީ ހާލަތު މިއަދު އޮތީ އެންމެ ރަނގަޅު ދަރަޖައެއްގައެއް ނޫނެވެ. ތަކެތީގެ އަގު އިންތިހާއަށް ބޮޑެވެ. އަސާސީ ޚިދުމަތްތައް ހުރީ އަތްފޯރާ ފަށަކު ނޫނެވެ. ބަޖެޓުން ކުރާ ބޭކާރު ހަރަދުތައް އިންތިހާއަށް ގިނައެވެ. މި ހުރިހާ ކަމެއްގެ ބުރަ އުފުލަން ޖެހިފައިވަނީ ނިކަމެތި ރައްޔިތުންނަށެވެ. ސަރުކާރުން ހިތުހުރި ގޮތަކަށް ދައުލަތުގެ ފައިސާ ބަހަމުން ގެންދިއުމަކީ އެއްވެސް މީހަކު އެދޭނެ ގޮތެއް ނޫނެވެ.

ވޭތުވެދިޔަ ދެ އަހަރު ސަރުކާރުން އިގްތިސާދު މެނޭޖްކޮށްފައިވަނީ ރަނގަޅަކަށް ނޫނެވެ. އިގްތިސާދު ރަނގަޅުކުރުމަށް މި ސަރުކާރުން ގެންގުޅޭ ހަމައެކަނި ހައްލަކީ ދަރަންޏަށް ފައިސާ ނަގައިގެން ވަގުތީ ފަރުވާއެއް ހޯދުމެވެ. މިއީ ދިގުމުއްދަތެއްގައި އިގްތިސާދީ މައްސަލަތައް ހައްލުކުރެވޭނެ ގޮތެއް ނޫނެވެ.

އާމްދަނީ އިތުރުކުރެވޭނެ އެއްވެސް ސިޔާސަތެއް ސަރުކާރަށް ތަންފީޒުކުރެވިފައެއް ނެތެވެ. މި ހާލަތުގައި އޮއްވައި، މެދުއިރުމަތީގައި ޔަހޫދީންނާއި އެމެރިކާނުން، ގުޅިގެން ކުރަމުންދާ ހަނގުރާމައިގެ އަސަރު ވަނީ ކުރަން ފަށާފައެވެ. މިކަމުގައި ސަރުކާރުން އެންމެ ފުރަތަމަ ގެންގުޅުނު ދުރުހެލި ޚާރިޖީ ސިޔާސަތާ މެދު ރައްޔިތުން ތިބީ ނުރުހިފައެވެ. އަވަށްޓެރި ލަންކާއިން ދެއްކި ސާބިތުކަމާއި އެ ގައުމަށް ލިބުނު ތައުރީފު ފެނުމުން، ދިވެހި ސަރުކާރުން ވެސް މަގުބޫލުކަން ހޯދުމަށް ސިޔާސަތު ބަދަލުކުރިއެވެ. ނަމަވެސް ރައީސް ދެއްކެވި ހަރުދަނާކަން ކުޑަ ވާހަކަފުޅުތަކުގެ ސަބަބުން ކަންކަން ދިޔައީ ދިމާ އިދިކޮޅަށެވެ.

ހަނގުރާމައިގެ ސަބަބުން އަޅުގަނޑުމެންނަށް ބޮޑެތި އަސަރުތަކެއް ކުރާނެއެވެ. ސުކޫކް ބޮންޑުގެ ފައިސާ ހަލާސް ކުރުމުގެ ދަނޑުވަޅާއި ގުޅިގެން އިގްތިސާދަށް ދެން އިތުރަށް އަންނާނެ ލޮޅުންތައް ތަހައްމަލު ކުރުމުގެ ގާބިލުކަން އަޅުގަނޑުމެންގެ އިގްތިސާދުގައި ހުރި ކަމަކަށް ނުފެނެއެވެ.

އެހެންކަމުން، ވާނީ ރިހޭ ފައިމައްޗަށް ފޮއެވެއްޓުމެވެ. މިހާރަށްވުރެ މައްޗަށް ތަކެތީގެ އަގު އުފުލުމާއި، ބޭރު ފައިސާގެ ދަތިކަން ކުރިމަތިވެ، އިންފްލޭޝަން މައްޗަށް ދިއުމަކީ ނުވެ ނުދާނެ ކަމެކެވެ. ކަރަންޓު ކެނޑުމާއި ކާބޯތަކެތީގެ ދަތިކަމަކީ މިއަދު ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ބިރުގަންނަ ކަންކަމެވެ. އަޅުގަނޑުމެންނަށް ވުރެ މާ ވަރުގަދަ އިގްތިސާދުތަކުން ވެސް މިއަދު މި ހިތްދަތިކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.

އިގްތިސާދީ ދަތިކަން ކުރިމަތިވުމުން، ރައްޔިތުންގެ ނަފުރަތު ސަރުކާރަށް އިތުރަށް ބޮޑުވެ، މަގުމައްޗަށް ނުކުތުން ގިނަވާނެއެވެ. މީގެ ސަބަބުން ގައުމު ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިގެންދާނެއެވެ.

ކުރިއަށްދާން އޮތް މަގު

މި އިންތިޚާބަށްފަހު ޕީއެންސީގެ އާންމު މެންބަރުންނަށް އެނގޭނެ ކަމަކީ، އެ ޕާޓީގެ ކުރީގެ ލީޑަރުގެ ނުފޫޒާއި މަގުބޫލުކަން އަދިވެސް ކުޑަނޫން ކަމެވެ. ސަރުކާރުގެ ސިޔާސަތުތައް ފޭލްވަމުންދާއިރު، އާންމު މެންބަރުންނަށް ހިމާޔަތް ހޯދައިދޭނެ ފަރާތަކީ އެ ބޭފުޅުންގެ ކުރީގެ ލީޑަރެވެ.

އެހެންކަމުން، ވަގުތު އޮއްވައި ރައީސް ޔާމީނުގެ ޕީއެންއެފާ އެކު ސަރުކާރުން ގުޅުން ބަދަހިކުރުމަކީ މުހިންމު ކަމެކެވެ. ހާލަތު ގޯސްވާ ވަރަކަށް ޕީއެންއެފަށް ކުޅެން ލިބޭނެ ފުރުސަތުތައް ގިނަވާނެއެވެ. އާންމު މެންބަރުންގެ އިހްސާސްތައް ކޮންޓްރޯލް ކުރުމަކީ އުނދަގޫ ކަމެކެވެ. މާޒީން ފިލާވަޅު ލިބިގަންނަން ޖެހެއެވެ. ޑީއާރުޕީގެ ތެރެއިން ޕީޕީއެމް އުފެދި، ވެރިކަމަށް އައި ގޮތް ހަނދާން ކުރާށެވެ.

ރިފަރެންޑަމް ވޯޓުގެ ނަތީޖާއިން ފެނުނީ ގައުމުގެ 70 އިންސައްތަ މީހުން ސަރުކާރަށް "ނޫނެކޭ" ބުނި މަންޒަރެވެ. އާންމުކޮށް ސަރުކާރެއް އޮންނައިރު 20 އިންސައްތަ ތާއީދަކީ ކަށަވަރު އެއްޗެކެވެ. އެހެންކަމުން، ސަރުކާރަށް އޮތް އަސްލު ތާއީދަކީ އެންމެ 10 އިންސައްތައެވެ.

ސަރުކާރުގެ މަގުބޫލުކަން މިހާ ދަށުގައި އޮތް ވަގުތެއްގައި، ރައްޔިތުންގެ "ނޫނެކޭ" ބުނާ އަޑު ކެނޑިގެންދާނެ ކަމަކަށް ނުބެލެވެއެވެ. ކޮރަޕްޝަނަށާއި، ބޭކާރު ވަޒީފާތަކަށާއި، އިސްރާފަށާއި، ބޭއިންސާފަށާއި، މަޖިލީހުގެ ނުފޫޒަށާއި، ބާރުތައް އެއްކުރުމަށް އަދި ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތަށް ރައްޔިތުން އަދިވެސް ބުނާނީ "ނޫނެކޭ" އެވެ.

ގައުމު ހަލަބޮލިކަމުން ސަލާމަތްކުރުމަށްޓަކައި، ސަރުކާރުން އެމްޑީޕީ އާއެކު މަޝްވަރާ ފެށުމަށް މިއަށްވުރެ މުނާސަބު ވަގުތެއް ދެން ނާންނާނެއެވެ.

ކޮންމެ މީހެއްގެވެސް އެދުމަކީ ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ ސަލާމަތެވެ. އެހެންކަމުން، ސިޔާސަތުތައް އަލުން ކަނޑައަޅައި، ކުރިމަގު ބައްޓަންކުރުމަށް އެންމެން އެކުވެ، ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ސަލާމަތްވުމުގެ މަގު ހޯދައިދިނުމަކީ މިއަދު ރައްޔިތުން އެންމެ އެދޭނެ ކަންތަކެވެ. އެއްބައިވަންތަ ސަރުކާރަކަށް "އާއެކޭ" ބުނަން ޖެހެއެވެ.

މިމަޒުމޫން ވާނީ ފިޔެސް އޮންލައިންގައި 6 އޭޕްރިލް 2026 ގައި ޝާއިއު ކުރެވިފައެވެ.